ދުޝްމަނުން ހިތާމަކުރަންޖެހޭ ފަދަ ދިގުދެމިގެންދާ ހަނގުރާމައަކަށް އީރާނުގެ އަސްކަރިއްޔާ އިން އޮތީ ތައްޔާރަށް ކަމަށް އެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އީރާނުން އެމެރިކާއަށާއި އިޒްރޭލަާށް އިތުބާރު ނުކުރާތީ، ހަނގުރާމަ ނިމުނީ ކަމަކަށް ނުދެކޭ ކަމަށް އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު އަކްރަމީނިއާ ދެއްވި އިންޓަވިއުއެއްގައި، ވަނީ އެމެރިކާ އާއި ޒަޔަނިސްޓުން މި ހަނގުރާމައިގައި އެ ގައުމުގެ އެއްގަމު ސިފައިން ދެއްކި ހުނަރާއި ހޯދި ކާމިޔާބީތައް ތަފްސީލުކޮށްދެއްވާފައެވެ.

މީގެ އިތުރުން، އީރާނުގެ އަސްކަރީ މަތިންދާބޯޓުތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮން އެޅި ހާދިސާތަކަށް ވެސް އޭނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.

ޖެނެރަލް އަކްރަމްނިއާ އިތުރަށް ވިދާޅުވީ، ހަނގުރާމަ އަލުން ފެށިދާނެ ކަމަށް ބަލައި، ހަނގުރާމައިން ލިބުނު ތަޖުރިބާތަކުގެ ބޭނުން އީރާނުގެ އަސްކަރިއްޔާއިން ހިފަމުންދާ ކަމަށެވެ. މިގޮތުން އީރާނުގެ އަސްކަރީ ހަތިޔާރުތަކާއި ހަމަލާދޭނެ މަރުކަޒުތަކުގެ ލިސްޓު އާކޮށް ވަރުގަދަކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުޝްމަނުންނަށް އިތުބާރު ނުކުރެވޭތީ، ހަނގުރާމަ ނިމުނީ ކަމަށް އީރާނުން ގަބޫލުނުކުރާ ކަމަށެވެ.

އޭގެ ފަހުން ޖެނެރަލް އަކްރަމްނިއާ ފާހަގަކުރެއްވި ގޮތުގައި، ހުރުމުޒް ކަނޑުއޮޅީގެ ހުޅަނގު ފަރާތް އޮތީ އައިއާރްޖީސީގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުގައެވެ. އަދި އެ ކަނޑުއޮޅީގެ އިރުމަތީ ފަރާތް ކޮންޓްރޯލް ކުރަނީ އީރާނުގެ އަސްކަރިއްޔާއިންނެވެ.

މީގެ އިތުރުން އޭނާ އިތުރަށް ވިދާޅުވީ، ދުޝްމަނުން ހަނގުރާމަ ފެށި ކަމަށްޓަކައި މުޅިން ދެރަވެ ހިތާމަކުރަންދެން، ދިގުދެމިގެންދާ ހަނގުރާމައަކަށް އީރާނުގެ ސިފައިން ތައްޔާރަށް ތިބި ކަމަށެވެ.