މި ސަރުކާރަށް ދެ އަހަރަށްވުރެ ގިނަދުވަސް ވެފައި ވާއިރު، 23،000 އަށް ވުރެ ގިނަ ވަޒީފާ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިން ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިތާބުގައެވެ.
އެ މަނިކުފާނު ފޮނުއްވި ޚިތާބުގައި ވަނީ، ރާއްޖޭގެ މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ ކަންކަން ކިޔައިދެއްވާފައެވެ.
ރައީސްގެ ހިޠާބުގައި ވިދާޅުވީ ރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއްކަމަށެވެ.
އަދި ސްކޫލު ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލު ގާއިމުކޮށްފައިވާ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ހަމައެހެންމެ ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމުރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކުރެވިފައިވާކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް، ސަރުކާރުން އިސްނަންގަވައިގެން ބޮޑެތި އީ-ކޮމަރސް މަންސަތަކާއެކު ފެއްޓެވި މަސައްކަތުގެ މޭވާ ލިބެންފަށާފައިވާ ކަމަށާއި
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްޞަ މަސައްކަތްތައް ކުރައްވަމުންގެންދަވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އަދި ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރަކީ، އެންމެ ގިނަ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުން އެންމެ ގިނައިން އަޑުއެހި ސަރުކާރަށް ވާނޭކަންވެސް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.