ބިދޭސީ މަސައްކަތްތެރިން ގެނެސް ނަހަމަގޮތުގައި އެމީހުންގެ ފައިދާ ނަގަމުންދިޔުން ހުއްޓުވާ ދިވެހީންނަށް މަސައްކަތްތެރި މާޙައުލެއް ގާއިމުކޮށްދެއްވާ އިތުރު ފުރުޞަތުދިނުމަށް މަސައްކަތްކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގެ މަގުތަކުގައި ކުރިއަށްގެންދިޔަ ހިނގާލުމުގައި ވާހަކަދައްކަވަމުންވަޒީރު އިހްސާން ވިދާޅުވީ، ރާއްޖޭގެ މައިބަދައަކީ މަސައްކަތްތެރިންކަމަށެވެ. މިގޮތުން ދިވެހި އަދި ބިދޭސީން މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތްކުރަމުންދާއިރު އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ އަދުގެ ސިޔާސަތަކީ މަސައްކަތްތެރިންގެ ހައްގުގައި މިހާތަނަށް ވަކާލާތު ކުރެވިފައިވާ ކަންކަން ފާހަގަކޮށް އެކަމަށް އެންމެ ފުރިހަމަ ހައްލު ގެނައުންކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ނުވަތަ އެމީހުންގެ ނާޖައިޒް ފައިދާ ނެގުން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ދިވެހިންނަށް މަސައްކަތްތެރި މާހައުލެއް ރާއްޖޭގައި ކަށަވަރުކުރުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ހުއްޓުވާ، ދިވެހީންނަށް މަސައްކަތްތެރި މާޙައުލުގައި ފުރުސަތުތައް ފަހިކޮށް، ދިވެހީންނަށާއި ބިދޭސީންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ އެންމެހާ ދަތިތަކާއި މިހާރުން މިހާރަށް ހައްލުކުރެވެން ހުރި ކަންކަން ހައްލުކޮށް، ދުރުރާސްތާގައި ހައްލުކުރަންޖެހޭކަންކަން ދެނެގަނެ އެއަށް ހައްލު ގެނެސްދިނުން."

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ވަޒީރު ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހަކީ، ގައުމު ބިނާކުރުމަށް މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރާ ދުވަސްކަމަށެވެ.