މަސައްކަތުގެ މައިދާނުގައި ހަމަޖެހުމާއި އިންސާފާއި ރައްކާތެރިކަން ދަމަހައްޓާނެ ސާބިތު ބައިވެރިއެއްގެ ގޮތުގައި މި ސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގައެވެ.
ވަޒީރު އިޙްސާންގެ ބަޔާނުގައި ވަނީ ރާއްޖޭގެ އިގުތިޞާދީ އަދި އިޖުތިމާއީ ތަރައްގީގެ މައިބަދަ ކަމުގައިވާ ހުރިހާ މަސައްކަތްތެރިންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
އެގޮތުން މި ސަރުކާރުގެ އަމާޒަކީ މަސައްކަތްތެރިންނަށް އިހްތިރާމް ލިއްބައިދީ އެ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރެވިފައިވާ އުޖާލާ މާހައުލެއް ބިނާކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.
އެ ބަޔާނުގައި ވަޒީރު ވިދާޅުވީ މަސައްކަތްތެރިކަމަކީ މި ގައުމުގެ ދިރުން ކަމަށާއި ކޮންމެ ފަންނެއްގެ ކޮންމެ މަސައްކަތްތެރިއަކީވެސް އެއްހަމައެއްގައި އިހްތިރާމް ލިބެންޖެހޭ ބައެއް ކަމަށެވެ.
އަދި ފުރައްސާރައާ ތަފާތުކުރުންތަކުން އެއްކިބާވެފައިވާ މާހައުލެއްގައި މަސައްކަތްކުރުމުގެ ހައްގު ލިބިގެންވާ ފަރާތްތަކަކަށް ވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ކޮންމެ މަސައްކަތްތެރިއަކަށްވެސް އެ މީހެއްގެ މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމާއި އިންސާނީ ގަދަރާއި ކަރާމާތް ކަށަވަރުކޮށްދިނުމަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އިންފޯމަލް އިކޮނަމީގައި ހަރަކާތްތެރިވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކުގެ މަސައްކަތް ބަލައިގަތުމަކީ މި ސަރުކާރުގެ އިސް އެއް ސިޔާސަތު ކަމަށްވެސް އެ ބަޔާނުގައި ވަޒީރު ވަނީ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މަސައްކަތުގެ މައިދާނުގައި ހަމަޖެހުމާއި އިންސާފާއި ރައްކާތެރިކަން ދަމަހައްޓާނެ ސާބިތު ބައިވެރިއެއްގެ ގޮތުގައި މި ސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމަށް ވަޒީރު އަލީ އިހްސާނު ވަނީ ވިދާޅުވެފައެވެ.