އުމްރާނީ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން 159 މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ސިއްޙަތާއި ޢާއިލާއާ އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އުމްރާނީ ގޮތުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ނުކޮށް ހުރި ކަމަށެވެ. އެހެންކަމުން އުމްރާނީ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން މިހާރު 159 މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން މުޅިން އަލަށް 39 ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތާއި، 94 ޞިއްޙީ މަރުކަޒަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ވަޒީރު ވަނީ، އިމާރާތްތައް އިތުރު ކުރުމުގެ އިތުރަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމްކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. ހާއްސަކޮށް މިވަގުތު ދިވެހިން ނެތް ދާއިރާތަކަށް ދިވެހިން ހޯދަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒިރު ވިދާޅުވީ، ސިއްޙީ ދާއިރާގައި މިހާރު ކުރަމުންދާ މަސައްކަތްތައް ނިމުމާއެކު ސިއްހީ ދާއިރާއަށާއި، އިޖުތިމާއީ ދާއިރާއަށްވެސް ކުރިއެރުން އަންނާނެ ކަމަށެވެ.
މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުވެސް 1700 އެއްހާ މުވައްޒަފުން ހިދުމަތަށް ނެރެފައިވެއެވެ. އަދި މިއަހަރު އިތުރު 1900 އެއްހާ މުވައްޒަފުން ނެރެވޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާ ކޮށްފައެވެ.
ރާއްޖޭގެ ސިއްހީ ނިޒާމަށް ބަލާއިރު، އުމްރާނީގޮތުން ވޭތުވެދިޔަ ދިގު މުއްދަތުގައި ތަރައްޤީ ކޮށްފައިވަނީ ދުރުރާސްތާ ޕްލޭނެއް ނެތި، އެދުވަސްވަރެއްގައި ބޭނުންވާ މިންވަރަށް ތަންތަންކޮޅު އިތުރު ކުރުމުގެ ވިސްނުމެއްގައެވެ. އެއީ، ދެމެހެއްޓެނިވި ގޮތެއް ނޫންކަމުން މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގެ ސިއްޙީ ޚިދުމަތް ފުޅާކޮށް، ތަރައްޤީ ކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ޖާގައެވެ.
އެހެންކަމުން ރަށްރަށުގައާއި މާލެ ސަރަޙައްދުގައިވެސް އިތުރު ހޮސްޕިޓަލްތަކާއި، ޖީޕީ ކްލިނިކްތައް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.