އިސްލާމްދީނުގައި އިންސާނާގެ ފުރާނައާއި އެއްވަރަށް އޭނާގެ އަބުރުވެސް ވަނީ ރައްކާތެރިކުރައްވާފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ." މި ނަމުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ މާތް ﷲވަނީ، އެކަލާނގެ އުފެއްދެވި ގިނަ ތަކެތީގެ މައްޗަށް އިންސާނާ މާތްކުރައްވައިފައި ކަމަށެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރީން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތީން ރިޒުޤުދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ ނަފުސެއް ޙައްޤަކާނުލައި މެރުމަކީ ޙަރާމްކަމެއް ކަމަށެވެ.
"އަދި ﷲ ޙުރުމަތްތެރިކުރައްވައިފައިވާ ނަފުސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ!" މާތް ﷲ މުޞީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިޙާނުކުރެއްވުމަށް ޓަކައެވެ. އެ އިމްތިޙާނުން ފާސްވާނީ ކެތްތެރީންނެވެ. މުޞީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވެއެވެ. ކެތްތެރިވާށެވެ! ކެތްތެރީންނަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ ސުވަރުގެއެވެ." މާތްﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ މާތް ﷲއީ އަހަރެމެންގެ މައްޗަށް ނުހަނު އޯގާވަންތަ ރަސްކަލާނގެ ކަމަށާއި އިސްލާމްދީނުގައި އެއްވެސް މީހަކަށް، އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ވެސް އަނިޔާވެރިވުމެއް ނުވާ ކަމަށާއި އަހަރެމެންގެ ނަފުސަކީ އަހަރެމެން ބޭނުން ގޮތަކަށް އެއާމެދު ޢަމަލުކުރެވޭނޭ އެއްޗެއް ނޫން ކަމަށެވެ.
އަދި އޭގެ ވެރިފަރާތަކީ މާތް ﷲ ކަމަށާއި ނަފުސަކީ އަމާނާތެއް ކަމަށާއި އެ އަމާނާތަށް ގެއްލުންދިނުން ޙަރާމްވެގެންވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އަމިއްލައަށް މަރުވުމަކީ ބޮޑުފާފައެއް ކަމަށެވެ.
އަދި އިސްލާމީ އުންމަތުގެ ގިނަ ފިޤުހުވެރީންނާއި، سَمَاحَةُ الشَّيْخُ عَبْدُ الْعَزِيْزُ بْنُ بَاز (رَحِمَهُ اللهُ) ފަދަ ޢިލްމުވެރީން ދެކެވަޑައިގަންނަވާގޮތުގައި، އަމިއްލައަށް މަރުވާ މީހުންގެ ޖަނާޒާގެ ކަންތައް، ޢާންމު މުސްލިމުންނެކޭ އެއްގޮތަށް ކުރާންވާނެ ކަމަށާއި "އެ މީހުން ހިނަވައި، ކަފުންކޮށް، ކަށުނަމާދުކުރާންވާނެ ކަމަށާއި ނަމަވެސް، މުޖުތަމަޢުގެ ކަމުވޮށިވެގެންވާ ހެއުލަފާ ޞާލިހު މީހުން، އެ ކަމާ ނުރުހޭކަން ހާމަކުރުމުގެ ގޮތުންނާއި މީސްތަކުންނަށް އެ ކަންތަކާ މެދު ބިރުދެއްކެވުމުގެ ގޮތުން، އޭނާގެ މައްޗަށް ކަށުނަމާދުކުރުން ދޫކޮށްލުމަކީ އެދެވިގެންވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
މިގޮތުން އެއީ ފަހަރެއްގައިވެސް އޭނާ އެކުރި ޢަމަލާ މެދު އެފަދަ މީހުން ރުހޭކަމަށް ހީވެދާނެތީ ކަމަށާއި އެގޮތުން އެންމެ އިސް އިމާމު، ރަސްގެފާނު، ފަނޑިޔާރުމަނިކުފާނު ނުވަތަ ރަށުގެ އެންމެ އިސް ވެރިޔާ، އެ ކަމަކީ ފާފަވެރި ނުބައި ޢަމަލެއްކަން މީސްތަކުންނަށް ހާމަކުރުމުގެ ގޮތުން، އެ މީހުންގެ ކަށުނަމާދުގައި ބައިވެރިނުވުން ރަނގަޅު ކަމަށާއި ނަމަވެސް، އާންމު މުސްލިމުންގެ ބަޔަކު ކަށުނަމާދު ކުރާންވާނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިސްލާމްދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ޙުރުމަތްތެރިވެގެންވާ ކަމަށެވެ.
އެހެންކަމުން ހަނގާކޮށް، ފުރައްސާރަކޮށް، ހުތުރު ނަންތަކުން ގޮވައި، މަލާމާތްކޮށް އުޅުން ވަނީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ގަނާކުރުމަކީ މިއަދު ފެތުރެމުން އަންނަ ވަބާއެއް ކަމަށާއި އޭގެ ސަބަބުން މަރުވާ މީހުންނާއި ކުޑަކުދީންގެ ޢަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ.
މީގެ އިތުރުން މީހަކަށް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި އެއީ އޭގެ ސަބަބުން ނަރަކަވަންތަވެރިއަކަށް ވެދާނޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.