ށ.ފޯކައިދޫގައި ފުލުހެއްގެ ސައިކަލެއް ރޯކޮށްލި މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ށ.ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ޢަމަލަކީ ފުލުސް އޮފިސަރަށް އަމާޒު ކޮށްގެން ގަސްތުގައި ހިންގާފައިވާ ޢަމަލެއް ކަމަށެވެ.
އެގޮތުން މި ހާދިސާގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާއިރު، އެ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަރަހައްދުތަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމަށާއި އެ އަމަލު ހިންގި ފަރާތް ހޯދާ، ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ ޤާނޫނު ތަންފީޒު ކުރާ މުއައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ އެފަދަ ޢަމަލުތައް ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެއީ މުޅި މުޖުތަމަޢުގެ ސަލާމަތާއި، ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ޤަބޫލު ކުރާ ކަމަށެވެ.
ހަމައެހެންމެ ކުށްކުރާ ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމަށް ހިންގާ ޢަމަލުތަކުގެ ސަބަބުން ޤާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުންނަށް އަނިޔާ ކުރުމާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާމެދު ފަސްޖެހުމެއްނެތި ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު އެ ބަޔާނުގައި ވަނީ ބުނެފައެވެ.