ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީ ލަންކާ އަށް ވަޑައިގަންނަވާ ދަތުރުފުޅުގައި އެކި ދާއިރާ ތަކުން ހަތް އެއްބަސްވުމުގައި ސޮއިކުރައްވާ ގޮތަށް ނިންމަވާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

"ޕްރެސާ ވިތު ދަ ސްޕޯކްސް"ގައި މުންދު ވިދާޅުވީ އެ ދަތުރުފުޅުގައި ދެ ގައުމުގެ ރައީސުންގެ ރަސްމީ މަޝްވަރާތައް ކުރާނެ ކަމަށެވެ.

މިހެން ގޮސް ބައިވަރު ދާއިރާތައް އެބައޮތް. ވަކި ދާއިރާތަކުގެ އެމްއޯޔޫ ތަކެއް މި އަންނަނީ [ސޮއިކުރަނީ]،"

މުންދު ވިދާޅުވީ، ރައީސް މުއިއްޒުގެ ލަންކާ ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ލަންކާގެ ވިޔަފާރިވެރިން ބައްދަލުކޮށް ގުޅުވައިދިނުމާއި އިންވެސްޓް ކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ދެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރެއްވުމާއި ލަންކާގެ ބޮޑުވަޒީރާއި ބައްދަލު ކުރެއްވުމުގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެ ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ބޭފުޅުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.