ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި މަހު 10 އެއްގައި މާރަނގަ މާކެޓް މާފުށީ ކައުންސިލާއި ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް، އެމްއެލްއޭސީއާއި ބީސީސީ ގުޅިގެން ބާއްވަން ހަމަޖެހިއްޖެއެވެ.
އަދި މިމަހު މި މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ، ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މޭއި 10ކުން ފެށިގެން ކަމަށް ބީސީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޒިޔާއު ވިދާޅުވިއެވެ.
މިއީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އިސްތިހާރުކޮށް ވިއްކުމުގެ ފުރުޞަތު ފަހި ކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މާކެޓެއް ކަމަށް ބީސީސީން އިން ވަނީ ބުނެފައެވެ.
އެގޮތުން ނިމުނު އޭޕްރިލް މަހުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު މާފުށީގައި އެ މާކެޓް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާއިރު އޭޕްރިލް މަހު އެ މާކެޓް ކުރިއަށް ގެންގޮސްފައިވަނީ، އެމަހުގެ 23 އިން 25އަށެވެ.
މާރަނގަ މާކެޓުގެ ކިއޮސްކްތަކުގައި، ދިވެހީންގެ ސަޤާފަތާއި، އާދަކާދަ ދައްކުވައިދޭ ދިވެހީންގެ އަމިއްލަ އެތަކެއް އުފެއްދުންތައް ހިމެނެއެވެ. އޭގެތެރެއިންވެސް، ކާބޯތަކެއްޗާއި، ޕޭސްޓްރީއާއި، އަތްތެރި މަސައްކަތުގެ ތަކެތި ފާހަގަކޮށްލެވެއެވެ.