ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރުއެޅުމަށް މިހާރު ހަމަޖެހިފައިވަނީ ހުރިހާ ސެގްމަންޓެއް އެކީގައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ސެގްމަންޓް 5 ގެ ހުރިހާ މަސައްކަތެއްހެން ނިންމާލާފައިވާ ކަމަށެވެ. އަދި ސެގްމަންޓް 5 ގައި މިހާރު ކުރަމުންދަނީ، ސައިޑްވޯކްގެ މަސައްކަތް ކަމަށް ޝަރުވަސް ވިދާޅުވިއެވެ.
އަދި ބާކީ ނުނިމި ހުރި 3 ސެގްމަންޓުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި ކީވޯލްގެ މަސައްކަތާއި، ފެނާ ނަރުދަމާ ހޮޅި ވަޅުލުމާއި، އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ސަރަޙައްދުގައި 522 ޝީޓް ޕައިލްކުރމިގެ ތެރެއިން މިހާރު 50 އިންސައްތައިގެ މަސައްކަތް ވަނީ ނިންމާފައެވެ.
ޝަރުވަސް ވިދާޅުވީ މިހާރު ޕްލޭން ކޮށްފައިވަނީ، ހުރިހާ ސެގްމަންޓެއްގައިވެސް އެއްފަހަރާ ތާރުއަޅަން ފެށުމަށް ކަމަށާއި އަދި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާ ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދެވެ. އެއީ، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެވެ. އަދި މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްޤީކުރުން ހިމެނެއެވެ.