ހޯމް މިނިސްޓަރު އަލީ އިހުސާނަށް މަޖިލީހުން ރުހުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިދިކޮޅުގެ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެންބަރު ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވުމާ ގުޅިގެންނެވެ.

މެންބަރު ޝުޖާއު ވިދާޅުވީ މި ވޯޓުން ދޭހަވަނީ ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައި ދެއްވުމަށާއި، ބިދޭސީންގެ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އިދިކޮޅު ފަރާތްތަކުން ތާއިދުކުރާކަމެވެ.

މެންބަރު ވިދާޅުވީ، މިފަދަ ހެޔޮވިސްނުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި ސިޔާސީ މަސައްކަތުގައި ކޮލިޓީ ހުންނަންވާނެ ކަމަށެވެ.