ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯ އިން 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ހުށަހެޅުމަށް ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ، ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ މި އަދަދު ފާސްކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ކަމަށެވެ. މި ޖަލްސާގައި ހިއްސާދާރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވުމުން، ހިއްސާދާރުންނަށް ފައިދާ ބަހަން ފަށާނެއެވެ.

ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ހުށަހެޅުމަށް ނިންމާފައިވާއިރު މިއީ ފަހުގެ ތާރީހެއްގައި އެސްޓީއޯއިން ހިއްސާދާރުންނަށް ބެހުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ. މި ހުށަހެޅުމަކީ ކުންފުނީގެ މާލީ ހާލަތު ވަރުގަދަވެ، ލިބުނު ކުރިއެރުންތަކާއެކު ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުކުރުމުގެ މަގުސަދުގައި ނިންމާފައިވާ ނިންމުމެކެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏަކަށްވާއިރު، ކުންފުނީގެ ފައިދާ ހިއްސާދާރުންނަށް މިފަދަ ބޮޑު އަދަދަކުން ބެހުމަށް ނިންމުމަކީ އިންވެސްޓަރުންގެ އިތުބާރު ކުންފުންޏަށް އިތުރުވެގެންދާނެ ކަމެކެވެ.

އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓާއާ އަޅާ ބަލާއިރު 33 އިންސައްތައިގެ އިތުރުވުމެކެވެ.

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 0.5 އިންސައްތަ ދަށްވުމެކެވެ.