ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ހައްގަުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން މި ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތާބުގައެވެ.

މި ޚިޠާބުގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ވަށައިޖެހޭ ޢަދުލުވެރި ސިޔާސަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮއްފައިވާ ކަމަށެވެ. ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމްތައް ފަށައިފައިވާ ކަމަށާއި އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްފައިވާ ކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.

މަސައްކަތެއް ނުލިބި ހުރެގެން ދިއުން ކުޑަކުރުމަށްޓަކައި ޖަލުތަކުގައި ތިބޭ ޤައިދީންނަށްވެސް މިހާރު ވަނީ ފުރުޞަތަކެއް ފަހިކޮށްދީފައިވާ ކަން ވެސް ރައީސް ވިދާޅުވިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތައް ހަމަޖައްސައިދިނުމުގެ ޚާއްޞަ ޕުރޮގުރާމްތަކެއް ހިނގަމުންދާ ކަމަށާއި ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާގައި އުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދޭން، ރިޔާސީ ވަޢުދާ އެއްގޮތަށް ހުޅުވައިލެވިފައިވާ ކަން ރައީސް ވަނީ ހިތާބްގައި ފާހަގަކުރައްވާފައެވެ.

މަސްވެރީންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީންނެތް ޞިނާޢީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށައިފައިވެއެވެ.

މި ސަރުކާރުގެ އުމުރުން ދެއަހަރާ ހަމަސް ވޭތުވާން ކައިރިވީއިރު، 23,000 އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިފައިވާކަމަށާއި ރާއްޖޭގައި ވަޒީފާތަކުގައްޔާއި މަސައްކަތްތަކުގައި އުޅޭ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ހަރުދަނާ ފިޔަވަޅުތަކާއެކު، ރައްޔިތުން އެދޭ އަމާޒަށް މިކަންތައްވެސް ގެންދެވެން ފަށައިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅަމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ ވަޒީފާ އާއި މަސައްކަތުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވައި، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މައިދާނަށް ނިކުތުމަށް އިލްތިމާސްކުރައްވަމުންނެވެ.