"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މި މަހުގެ 19 ވަނަ ދުވަހު އަންގާފައިވާތީ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށް އައްޔަންކުރެއްވި ފަހުން ނޫސްވެރިންނާ އެކު މުންދު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން ވިދާޅުވީ "އަދަދު" ނޫހުގެ ޑޮކިއުމެންޓްރީއާ ގުޅޭ ފުލުހުންގެ ތަހުގީގަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގައިވައިގެން ކުރާ ތަހުގީގެއް ނޫން ކަމަށެވެ. އަދި އެކަން ތަހުގީގުކޮށްދޭން ސަރުކާރުން ވެސް އެދިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި އެހެނިހެން ހައްގުތަކަކީ ވެސް އިސްލާމްދީނުގެ ހުދޫދުތަކުން ބޭރު ނުވާހާ ހިނދަކު ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށެވެ. އަދި ނޫސްވެރިންގެ އަމަލުތައް ވެސް ބަހައްޓަން ވާނީ އެ ހުދޫދުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދަދު އޮންލައިނުން ހެދި "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ގަޒްފުގެ ތުހުމަތު ކޮށްފައިވާ ކަމަށް ފުލުހުން އެ ނޫހުގެ އިސްވެރިންނަށް ފޮނުވި ޗިޓުގައިވެ އެވެ. އެ މައްސަލާގައި އަދަދުގެ އޮފީހަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަދެ ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް އިއްޔެ ހާޒިރުކޮށް ވަނީ ބަޔާން ނަގާފައެވެ.