މި އަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 34.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2024ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025ވަނަ އަހަރު މި އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އަރާފައެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މި ކުއާޓަރުގެ 3 މަހަށް ވަކިން ބަލައިލާއިރު، ކޮންމެ މަހަކު ވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ، މާރިޗު މަހުގައެވެ.

ޒަކާތު ހައުސްއިން އާންމުކުރި ރިޕޯޓުގައި، އިޖުތިމާއީ އަދި ދީނީ ކަންކަމަށް ޒަކާތު ފަންޑުން ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލުވެސް ވަނީ ހިމަނައިފައެވެ. އެގޮތުން ބޭސްފަރުވާގެ އެހީއާއި، އަސާސީ ބޭނުންތަކާއި، ރަމަޟާން މަހުގެ އެހީއާއި، ޤުރްއާން ހިތުދަސް ކުރުމުގެ ޕްރޮގްރާމްތަކާއި، ތަޢުލީމީ އެހީގެ އިތުރުން އިޖުތިމާއީ ތަރައްޤީގެ މަޝްރޫޢުތަކަށް ޖުމުލަ 13.3 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށެވެ. އެއީ، ގާތްގަނޑަކަށް 6.69 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފީސަބީލިﷲ ބަޔަށް 5.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޒަކާތު އާމިލުންނަށް 815,000 (އަށް ލައްކަ ފަނަރަ ހާސް) ރުފިޔާ އަދި އިބްނުއްސަބީލް ބަޔަށް 363,000(ތިން ލައްކަ ފަސްދޮޅަސް ތިން ހާސް) ރުފިޔާ ހޭދަކޮށްފައިވެއެވެ.

ޒަކާތުގެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކުރުމަށްޓަކައި، ޖުމްލަ 41.78 މިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވާކަން ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، "ދާރުއްސަލާމް" އާއި "ދާރުލްއަރުޤަމް" ވަޤުފު އިމާރާތްތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކެވެ.