ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލްކުރި ނަމަވެސް، މަސައްކަތުގެ މާޙައުލުގައި އެންމެ ބޮޑު އިސްކަމެއްދޭންވީ ޤައުމު ކުރިއެރުވުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެ ރަސްމިއްޔާތުގައި ސަޢީދު ވަނީ، އިޤްތިސާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުން ބެލިކަމުގައިވީ ނަމަވެސް ރާއްޖެ ކުރިއަރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި، އިތުރަށް ފުޅާކުރުމަށް، ދިވެހީންގެ ސަޤާފަތާއި، އުސޫލުތަކާއި މިނިވަންކަން މުހިންމު ދައުރެއް އަދާކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމުގައި މިއަދު ދަސްވެނިވާ ދަރިވަރުންގެވެސް މުހިންމު ދައުރެއް އޮތްކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، ޤައުމަށް ޚިދުމަތް ކުރުމަށް ބޭނުންވަނީ ތަޢުލީމީ ޤާބިލު މީހުން ކަމަށެވެ. އަދި ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލްކުރި ނަމަވެސް، މަސައްކަތް ކުރަންވާނީ ޤައުމަށް ފައިދާވާނެ ގޮތަށް ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، ކޮންމެ ދާއިރާއަކުން ދަސްވެނިވި ކަމުގައިވީ ނަމަވެސް، ދަސްވެނިން ވާންވާނީ އެހެން މީހުންނަށް ނަމޫނާ ބަޔަކަށް ކަމަށެވެ. އެގޮތުން، ކަންކަމުގައި ލީޑު ކުރުމަށާއި، ޤައުމުގެ ތަރައްޤީއަށް ކުރާ އެކި އެކި މަސައްކަތްތަކުގައި، އިސްކޮށް ހަރަކާތްތެރިވާ ބަޔަކަށް ވާންވާނެ ކަމަށް ވިދާޅުވިއެވެ.