ބ. ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިމަހުގެ 7 ވަނަ ދުވަހު ނިންމާލެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތާއެކު ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

މި މަސައްކަތުގެ ދަށުން އެމްޓީސީސީން ވަނީ، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހައި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތްކޮށްފައެވެ.

އަދި މި މަޝްރޫޢުގެ ދަށުން 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

ހަމައެހެންމެ ބަނދަރުގެ 350 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޓީސީސީން ވަނީ، ބަނދަރު ސަރަޙައްދުގައި ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، އުޅަނދުފަހަރު އެރުވުމަށް ރޭމްޕެއްގެ އިތުރުން ކޮންކްރީޓް ޕްލެޓްފޯރމެއްވެސް ގާއިމުކޮށްފައެވެ.

އަދި ބަނދަރުގެ ރައްކާތެރި ކަމަށްޓަކައި ނެރު ބައްތިއާއި ބަނދަރުމަތީގައި ލައިޓްޖެހުމުގެ މަސައްކަތްވެސް އެއްކޮށް ނިންމާފައެވެ.

ބ. ހިތާދޫ ބަނދަރުގެ ތަރައްގީ ކުރުމުގެ މަޝްރޫޢަކީ، ދައުލަތުގެ ބަޖެޓުން 17.7 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.