ކޮންމެ ހަފުތާއެއްގައިވެސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ޚާއްސަ ޕްރޮގްރާމެއް ފައްޓަވައިފިއެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.
އެގޮތުން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
މި ބައްދަލުވުން 55 މިނެޓަށް ކުރިއަށްދާ އިރު ވީހާވެސް ގިނަ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
އަދި އެ ބައްދަލުކުރެއްވުމުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރާނެއެވެ.
މީގެ އިތުރުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ އަދާހަމަ އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރުމަށް "ދަފީޑް.އެމްވީ" ގެ ނަމުގައި އިންސްޓަގްރަމް އަދި ޓިކްޓޮކް އެކައުންޓް ވަނީ ތަޢާރަފުކޮށްފައެވެ.
ތަރުޖަމާނު ވިދާޅުވީ އެ ބައްދަލުވުންތަކުގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.