އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިއެވެ.

މިކަންހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން އެވެ.

އެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން އަމީން ވިދާޅުވީ ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އައި ކަމެއް ކަމަށެވެ.

ޖެޓް ފިއުލް ލީޓަރެއްގެ އަގު މި ފަހުން ހުރީ 1.99 ޑޮލަރަށް އުފުލިފައެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އެކަމަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ޕާ ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކޮއްގެން ކަމަށެވެ.

މި ބަދަލާއެކު މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކާނީ 1.75 ޑޮލަރަށެވެ.