މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މާލޭގައި އައު އޭޓީއެމްއެއް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
މި އޭޓީއެމް ތަރައްގީކޮށްފައި ވަނީ މާލޭގެ އޯކިޑްމަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގގައެވެ.
އެ މި އޭޓީއެމް ހުޅުއްވައިދެއްވީ އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ، އަޙްމަދު ރިޒާއެވެ.
މިއީ 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ލިބޭގޮތަށް ބަހައްޓާފައިވާ އޭޓީއެމްއެކެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާއާއި ޑޮލަރު ޖަމާކޮށް، އަދި ނެގޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި އޭޓީއެމް ބެހެއްޓި ސަރަޙައްދަކީ ގިނަ އޮފީސްތަކާއި ޖެޓީތައް ހިމެނޭ ސަރަޙައްދެއްކަމުން، މި އޭޓީއެމްގެ ސަބަބުން އެ ސަރަޙައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްއައިބީން ބުނެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މިއީ އާބާދީ ބޮޑު މާލޭ ސިޓީގައި އެ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.