މި ފެށޭ މެއި މަހު ޗައިނާއިން ތެޔޮ ވިއްކުމަށް ހުއްދަދީފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕެޓްރޯލާއި ޑީސަލް އަދި ޖެޓް ފިއުލް ހިމެނޭހެން ޖުމްލަ ފަސްލައްކަ މެޓްރިކް ޓަނުގެ ތެޔޮ ވިއްކުމަށް ޗައިނާއިން ދަނީ ތައްޔާރުވަމުންނެވެ.
މިއީ އޭޕްރީލް މަހާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު މިންވަރެކެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ އެވްރެޖް މިންވަރަށް ވުރެ ދެބައިކުޅަ އެއްބައި މަދު އަދަދެކެވެ.
ތެޔޮ ސާފުކުރާ ކުންފުނިތަކުން އެދިގެން މޭ މަހު ތެޔޮ ބޭރުކުރާ މިންވަރު އިތުރުކުރި ނަމަވެސް، މިދިޔަ އަހަރު މަހަކު އެވްރެޖްކޮށް 1.6 މިލިއަން ޓަނު ބޭރުކޮށްފައި ވެއެވެ.
ޗައިނާ އިން ތެޔޮ ލިބޭނެ ކަމަށް ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، ރާއްޖެ، މިޔަންމާ، ނިއުޒިލޭންޑް އަދި ސްރީލަންކާ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަމާ ގުޅިގެން ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމެންޓް އެންޑް ރިފޯމް ކޮމިޝަނާއި މިނިސްޓްރީ އޮފް ކޮމާސްގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެ، ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެތީ، ޗައިނާގެ އެތެރޭގެ ބާޒާރު ރައްކާތެރިކުރުމަށްޓަކައި މާރިޗު މަހުން ފެށިގެން އެ ގައުމުން ވަނީ ތެޔޮ ބޭރުކުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތެޔޮ ހޯދުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައި ވާއިރު، ދިވެހި ސަރުކާރުންވެސް ވަނީ، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަސްތަކެއް އެޅިއްޖެނަމަ އެހެން މާކެޓުތަކުން ތެޔޮ ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާކަން ހާމަކޮށްފައެވެ.