މޯލްޑިވްސް ޑިޖިޓަލް ސަމިޓަކީ ގައުމުގެ ކުރިމަގު ބައްޓަންކުރުމަށް އެޅޭ ތާރީހީ ފިޔަވަޅެއް ކަމަށް މިނިސްޓަރު އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޑިޖިޓަލް ސަމިޓު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކިނާނަތު ވިދާޅުވީ މި ސަމިޓުގެ ސަބަބުން "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން ރައްޔިތުންނަށް އަވަސް އަދި ހާމަކަން ބޮޑު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުއަޅާއިރު، މިއީ ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އެޅޭ ތާރީހީ ފިޔަވަޅެއް ކަމަށެވެ.
ކިނާނަތު އިތުރަށް ވިދާޅުވީ މިއީ 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖަ ހޯދުމަށް ސަރުކާރުން ގެންގުޅުއްވާ ފުޅާ ތަސައްވުރު ހާސިލުކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.
މީގެ އިތުރުން، މި ސަމިޓުގެ މައިގަނޑު މަގުސަދަކީ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، އާންމު ހިދުމަތްތައް ޒަމާނީކުރުމުގެ އިތުރުން، ހެކީގެ މައްޗަށް ބިނާވެފައިވާ ގަވަނަންސްއެއް ގާއިމުކުރުމަށްޓަކައި މަތީ ފަންތީގެ މަޝްވަރާތަކާއި އަމަލީ ގޮތުން ކުރެވޭނެ މަސައްކަތްތަކަށް މަގުފަހިކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026" އަކީ ރާއްޖޭގެ މުހިންމު ޑިޖިޓަލް އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި، ގައުމީ އިސްވެރިންނާއި، ބައިނަލްއަގުވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ޑިޖިޓަލް ޓްރާންސްފޯމޭޝަން ދާއިރާގެ ދުނިޔޭގެ ފެންވަރުގެ މާހިރުން އެއްތަންކޮށްދިން މުހިންމު ބައްދަލުވުމެކެވެ.
އެ ސަމިޓުގައި ބައިވެރިވި މުހިންމު މުއައްސަސާތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ކަމާބެހޭ މިނިސްޓްރީތަކާއި، މޯލްޑިވްސް ޑިޖިޓަލް ސާވިސް (MDS) އާއި، މައިންޑްކޯ (MINDCo) އާއި، އެން.ސީ.އެސް.އޭ (NCSA) އާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (DNR) ގެ އިތުރުން ވޯލްޑް ބޭންކުގެ މަންދޫބުން ހިމެނެއެވެ.
ސަމިޓުގެ މަޝްވަރާތަކާއި ސެޝަންތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ރާއްޖޭގެ ޑިޖިޓަލް ބަދަލުވުމުގެ ދަތުރުގެ މުހިންމު އަސާސްތަކުގެ މައްޗަށެވެ.
އެގޮތުން ޑިޖިޓަލް ބަދަލުތަކަށް ބޭނުންވާ ގަވަނަންސް އަދި މުއައްސަސާތަކުގެ ގުޅުން ހަރުދަނާކުރުން، ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމެއް މެދުވެރިކޮށް ރައްކާތެރިކަމާއެކު މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކުރުން، ރައްޔިތުންނަށް ފަސޭހައިން އަދި ހަރުދަނާކަމާއެކު ހިދުމަތް ލިބޭނެ ގޮތަށް، "ސިޓިޒަން-ސެންޓްރިކް" އުސޫލުން ހިދުމަތްތައް ފަރުމާކުރުން، ޑިޖިޓަލް އައިޑެންޓިޓީ ނިޒާމުތައް ތަރައްގީކުރުން، އާޓިފިޝަލް އިންޓެލިޖެންސް (AI) އާއި އާ އީޖާދީ ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުން އަދި"މޯލްޑިވްސް 2.0" ތަންފީޒުކުރުމަށްޓަކައި ސާފު އަދި އަމަލީ މަގުޗާޓެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ.