ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަހޭސް އިންދިރާޖިތް ސިލްވަ (42އ) އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ) އާއި މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ (50އ) އެވެ. މި ތިން މީހުންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.
ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
އެ ގެ ބަލައިފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 24 ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން، 38000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1100 އަށްވުރެ ގިނަ ޔޫއެސް ޑޮލަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.