ތެލަށް ކުރާ ހަރަދު ބޮޑު ވެއްޖެ ނަމަ މަސްވެރިން މަހަށް ނުފުރާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ތެލަށް ކުރާ ހަރަދު ބޮޑު ވެއްޖެ ނަމަ ގަބޫލު ކުރައްވަނީ މަސްވެރިން މަހަށް ނުފުރާނެ ކަމަށެވެ.
މިގެ އިތުރުން އެކަމުގެ އަސަރު ކުރާނި ހަމައެކަނި މަސްވެރި އާއިލާތަކަސް ނޫން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސްވެރި ކަން ނެތް ހާލަތެއްގައި ހުރިހާ ރައްޔިތުންނަށްވެސް އެކަމުގެ އުނދަގޫ ފޯރާ ކަމަށެވެ.
ހަމަމިއާއެކު މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިކަން ނެތި އޮވެފައި ވަކިން ހާއްސަކޮށް މިމަހުގެ 14 ވަނަދުވަހުން ފެށިގެން މަސްވެރިކަން އުޅެނީ އެވަރެޖް ކޮށް 200 ޓަނު ގައި ކަމަށް ވަޒިރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ މަސްވެރިންނަށްވެސް މަހަށް ފުރޭނެ އަގެއް ގައި ތެލުގެ ނިޒާމް ހަމަޖެއްސުމަށް ކަމަށެވެ. އަދި މަސްވެރިން މިވަގުތު މަހަށް ނުކުންނަނީ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކީގައި ކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ހާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ 4 ސަރަހައްދަކުންކަަމަށެވެ. އެހެންނަމަވެސް މިހާރު އިތުރު 9 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭން ފެށިފައިވާކަމަށް ވިދާޅުވިއެވެ. އަދި އިތުރު 3 އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށްވެސް ވިދާޅުވިއެވެ.
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ އުފުލިފައެވެ. ނަމަވެސް ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ. އެގޮތުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ވަނީ ދޫކޮށްފައެވެ.