ތެޔޮ ރައްކާ ކުރެވޭ ގޮތަށް ތެލުގެ ރިޒާވް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖޭގައި ތެލުގެ ރިޒާވް ގާއިމް ކުރުމަށް މާލީ ވުޒާރާއާއި އިގްތިސާދީ ވުޒާރާ އަދި އެސްޓީއޯއާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން 3 ފިޔަވައްސަކަށް ބަހާލައިގެން މި ރިޒާވް ގާއިމްކުރުމަށް ނިންމާފައިވާއިރު މިތަންތަން ގާއިމްކުރާނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން މާލެ ސަރަޙައްދުގައި މި ރިޒާވް ޤާއިމްކުރުމަށް 2 ފަޅެއް ބަލަމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، އެ ފަޅުތައް ބެލުމަށްފަހު އަންނަ ހަފުތާގެ ތެރޭގައި ސާވޭތައް ކުރަން ފަށާނެ ކަމަށާއި، ޑިޒައިންގެ މަސައްކަތްތަކާއި ފައިސާ ހޯދާނެ ގޮތްތަކުގެ އިތުރުން ފީސިބިލިޓީ ހިމެނޭހެން ފައިނަލް ޕްލޭންއެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެ ކަމަށެވެ. އަދި ރައީސް ނިންމަވާ ގޮތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާ ކަނޑަކީ، ތެލުގެ ސްޓޮކް ބަހައްޓައިގެން މަސައްކަތް ކުރާ ކުންފުނިތައް ހުންނަ ސަރަހައްދެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ރިޒާވް ގާއިމްކުރުމަށްފަހު ރާއްޖެއަށް ބޭނުންވާ ތެޔޮ ބެހެއްޓުމަށްފަހު އަނެއްބައި ކުއްޔަށް ދޫކުރެވިދާނެ ކަމަށެވެ.
ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށް ދަނީ، ބަދަލުތަކެއް އަންނަމުންނެވެ. އަދި ތެޔޮ ލިބުމަށް ދަތިވެ ތެލުގެ އަގު ދަނީ އުފުލެމުންނެވެ. އެހެންކަމުން މިގޮތަށް އަންނަ ކުއްލި ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ރާއްޖޭގައި ތެލުގެ ރިޒާވްއެއް ގާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ގޮތަށް ތެލުގެ ރިޒާވްއެއް ގާއިމްކުރަނީ، 1 އަހަރު ދުވަހަށް ބޭނުންވާނެ ވަރަށެވެ. މިއީ، 5 އަހަރު ދުވަހުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާނެ މަޝްރޫއަކަށް ވާއިރު، ފޭސް 1ގެ މަސައްކަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެެވެ.
ރާއްޖެއަށް މިހާރު ތެޔޮ ގެނެސް ރައްކާކޮށްފައި ހުންނަނީ، މާލެ ކައިރީގައި އޮންނަ ފުނަދޫގައެވެ. އާންމު ހިދުމަތްތައް ދޭ ތަންތަނަށާއި، ރިސޯޓްތަކަށާއި އަދި އަމިއްލަ ފަރާތްތަކަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދެނީ، ފުނަދޫ ޓާމިނަލުންނެވެ. މި ޓާމިނަލްގެ ކެޕޭސިޓީއަކީ، ޑީސަލް 291,000 ފީފާ އަދި 59،000 ފީފާގެ ޕެޓްރޯލްއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ރާއްޖޭގެ އެހެނިހެން އެއާޕޯޓުތަކަށް ބޭނުންވާ ޖެޓް ފިއުލް ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ