އައު ބޭފުޅަކަށް ފުރުޞަތު ދިނުމުގެގޮތުން ކަމަށް ވިދާޅުވެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަނުކުރައްވަން އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ނިންމަވައިފިއެވެ.
ސިނާން މިގޮތަށް ނިންމަވާފައިވަނީ ޕީއެންސީން އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ވެސް ކާމިޔާބުކުރެއްވުމަށްފަހުއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އޭނާއަށް ލިބުނު ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށް ޝުކުރުދަންނަވާކަމަށެވެ.
ނަމަވެސް މިދިޔަ 3 ދުވަހު އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން މަސައްކަތްކުރެއްވި ކަމަށާއި އެ މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އަޅުގަނޑު ފަހަތަށްޖެހި އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނަ ކަމަށް ވިދާޅުވިއެވެ.
މިނިންމުން މިހާރު ޕާޓީގެ ރައީސާއި ލީޑަރޝިޕަށް އަންގަވާފައިވާނެ ކަމަށާއި އެ ނިންމުން ޕާޓީގެ ރައީސާއި ލީޑަރޝިޕުން ބަލައިގެންފައިވާ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.
ޕީއެންސީގެ ޕްރައިމަރީގައި އެ ޕާޓީގެ ޓިކެޓަށް ސިނާނާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނަށް ގެއްލުނީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ހުކުމާއެއްގޮތަށް ފައިސާ ނުދައްކާކަން ސާބިތުވެ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.