ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރުމަށް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދަށް ޓިކެޓު ދިނުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެކަންހާމަކޮށްފައި ވަނީ މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް އެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެ ޕާޓީން މިގޮތަށް ނިންމީ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ކާމިޔާބުކުރެއްވި ހިތަދޫ އުތުުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ނިންމަވާފައިވާކަން އިއުލާންކުރެއްވުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ ސިނާން އެ ޓިކެޓް ދޫކޮށްލައްވަން ނިންމެވުމާ ގުޅިގެން ޕްރައިމަރީގައި ސިނާނާ ވާދަކުރެއްވި އަހްމަދު ސަޢީދަށް ޓިކެޓް ދިނުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.

މިގޮތުން ޝިޔާމް ވިދާޅުވީ އެގޮތަށް ނިންމީ ބައި-އިލެކްޝަނާ ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތު ކައިރިވެފައިވާތީ އިތުރު ޕްރައިމަރީއެއް ބާއްވަން ވަގުތު ނެތުމުން ކަމަށެވެ.

"ދެން އެނގިވަޑައިގަންވާނެ ފަދައިން ޕްރައިމަރީގަ އަޅުގަނޑުމެންނާ މި ވާދަކުރެއްވީ 2 ބޭފުޅުން. އޭގެތެރެއިން އެއް ބޭފުޅަކީ ސައީދު ދެއްތޯ. އަޅުގަނޑުމެންނާއެކު މި ވަގުތު މިތާނގަވެސް އެބައިންނެވި. ޕްރައިމަރީގަ ދެ ބޭފުޅުން ވާދަވެސް ކުރެއްވީމައާއެއްކޮށް އަދި ހަމަ އީސީން ޕްރައިމަރީއަށް މިހާރު ހުޅުވާލާފަ އޮތް މުއްދަތުގަ އަޅުގަނޑުމެންނަށް އިތުރަށް ޕްރައިމަރީއަކަށް ހުޅުވާލައިގެން ބޭނުންވާ ވަގުތުވެސް ނެތީމަޔާއެކު އަދި ސައީދުވެސް ކުރިއަށް ވަޑައިގަތުމަށް އެ ވިސްނުންފުޅު ހުރީމަޔާއެކު ޕާޓީއަށް މި ވަގުތު އެންމެ ރަނގަޅު ގޮތަކަށް ވަނީ ސައީދުއާ އެކީގަ ހިތަދޫ އުތުރުދާއިރާ އަޅުގަނޑުމެން މި ޕާޓީގެ ފަރާތުން ވާދަކުރަން މިވަނީ ނިންމާފަ."

ޕީއެންސީގެ ނައިބު ރައީސް އަހްމަދު ޝިޔާމް

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އޭނާއަށް ލިބުނު ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށް ޝުކުރުދަންނަވާކަމަށެވެ.

ނަމަވެސް މިދިޔަ 3 ދުވަހު އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން މަސައްކަތްކުރެއްވި ކަމަށާއި އެ މަޝްވަރާތަކާއެކު މި ފަހަރު އެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށާއި އެހެންވެ އެގޮތަށް ނިންމަވައި އަންނަ ޖޫން މަހު ބާއްވާ ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމެވީ ކަމަށް ސިނާން ވިދާޅުވިއެވެ.

މީގެ އިތުރުން މިގޮތަށް ނިންމެވި ނަމަވެސް ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެންޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އޭނާގެ ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަން ސިނާން ވަނީ ދެއްވާފައެވެ.