ވިސާއާއި ނުލައި 90 ދުވަހުގެ މުއްދަތަށް ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި ނުވަދިހަ (90) ދުވަހުގެ މުއްދަތަށް އެ ޤައުމަށް ޒިޔާރަތް ކުރެވޭގޮތަށް މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން 24 ސެޕްޓެމްބަރ 2025 ގައި ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފެށުމާ އެކު، އޯރޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން ނުވަދިހަ ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި ވިސާ އާ ނުލައި މަޑުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން، 18 ޖޫން 2025 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭގޮތަށް ވަނީ ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ނަމަވެސް، އެ ޤައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.