ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބެލެނޭ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޝްހޫރު ގާނޫނޫ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލަ ބަލައިގަނެ ކުރިއަށްގެންދަން ނިންމީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
މި މައްސަލައަށް އެމްޑީޕީންނާއި ޑިމޮކްރެޓްސް އިން ވެސް ވަނީ ތަދައްހުލްވެފައެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗަކުން ބައްލަވާ މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މި މަހު ވަނީ ނިންމާލާފައެވެ.
މިގޮތުން ސްޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މި މައްސަލައިގެ ހުކުމް އިއްވަމުން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ސިފަތައް ލިބިގެންވާ، ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސާސް އޮތް މައްސަލައެއް ކަމަށް ކޯޓުން ކަނޑައަޅާ ކަމަށެވެ.