ހޮނުއަޅައި، ކަރަންޓު ކެނޑޭނަމަ ޑީ-ބޯޑު ޗެކްކޮށް، ބްރޭކަރު ރީސެޓްކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރައްވައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން މިގޮތަށް ބުނީ ރޭގެ ވަގުތެއްގައި މާލެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކަށް ހޮނުއެޅުމާ ގުޅިގެން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވުމާ ގުޅިގެނެވެ.

ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އަރތު ލީކެޖް ސަރކެޓް ބްރޭކަރ، އީ.އެލް.ސީ.ބީ ވެއްޓި ކަރަންޓު ކެނޑެމުންދާކަން ސްޓެލްކޯއިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތަށް ކަރަންޓު ކެނޑިއްޖެނަމަ ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކުރުމަށް ސްޓެލްކޯއިން ވަނީ އެދިވަޑައިގެންފައެވެ.

ސްޓެލްކޯއިން އިލްތިމާސްކުރީ ޑީ-ބޯޑު ބެލުމަށްފަހު އީ.އެލް.ސީ.ބީ ވެއްޓިފައިވާނަމަ އަލުން ރީސެޓްކޮށް، ކަރަންޓު ދިނުމަށް މަސައްކަތް ކުރުމަށެވެ. އެހެން ނަމަވެސް، އީ.އެލް.ސީ.ބީ ރިސެޓްކުރުމަށް ފަހު ނަގާ ކަރަންޓު ނުލިބޭނަމަ އެ ކުންފުނީގެ ހޮޓްލައިން 1545 އަށް ގުޅައިގެން ރިޕޯޓް ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.