އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން މިކަމަށް އިލްތިމާސްކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެޗްޕީއޭ އިން ވަނީ މިދުވަސްވަރު އިންފްލުއެންޒާ އިތުރުވަމުން އަންނަ ކަން ހާމަކޮށްފައެވެ.
އަދި އިންފުލުއެންޒާއިން ރައްކާތެރިވުމަށް ސަމާލުކަން ދޭންވީ ކަންކަން އެ ޕޯސްޓުގައި ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ބަލީގެ އަލާމާތް ހުރިނަމަ ނުވަތަ މީހުން ގިނަ ތަންތަނުގައި މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ސާފުތާހިރުކަން ހިފެހެއްޓުމުގެ ގޮތުން ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށާއި
ބަލިވެއްޖެނަމަ ގިނައިން ދިޔާ އެއްޗެހި ބުއިމަށާއި ބަލި ބޮޑުވާނަމަ ޑޮކްޓަރަށް ދައްކަން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭގެ ޕޯސްޓުގައި ވަނީ އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދީ، އެހެން މީހުންނަށް ބަލި ފެތުރުނަނުދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރަމަށް އިލްތިމާސްކޮށްފައެވެ.
އިންފުލުއެންޒާގެ އަލާމާތްތައް:
• ބޮލުގައި ރިހުން
• ނޭފަތުން ފެންއައުން / ބެދުން
• ކެއްސުން / ކިނބިހި އެޅުން
• ކަރުގައި ރިއްސުން
• ހުންއައުން
• ވަރުދެރަވުން
• ގައިގައި ރިއްސުން
• ބޭރަށް ހިންގުން، ހޮޑުލެވުން (އާއްމުކޮށް ކުޑަކުދިން)
އަރިދަފުސް ރޯގާއާއި އިންފްލުއެންޒާފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް، ދުރާލާ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެކެވެ.