މަސް ކިރުވުމަށް އިތުރު މާކެޓުތަކެއް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރިދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލިސްގައި މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ޙަސަން ޒަރީރު ވިދާޅުވީ، މަސްވެރިންނަށް ރަނގަޅު އަގުތައް ހޯދާ ދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއް ވެސް ބޭނުންވާނޭ ކަމެއް ކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ، ރާއްޖޭގެ އެތައް ޒަމާނެއް ކުރިން މަސް އެކްސްޕޯޓްކޮށް ނުވަތަ މަސް ކިރަމުން ދަނީ ހަމަ ދާދިއެއް ބަޔެއް ކަމަށެވެ.

އަޅުގަނޑުމެން އެބަޖެހޭ އިތުރު މާކެޓްތަކެއް ހަގީގަތުގައި ހޯދަން. އަޅުގަނޑުމެން އަބަދުވެސް އެއް މާކެޓަކަށް ހަގީގަތުގައި މަސްކިރާ ހަދާތީވެ އަޅުނގަޑުމެން ނަކަށް އިތުރު މަގުތަކެއް ނުހޯދުމަކީ މަސްވެރިންނަށް އެބޭފުޅުން ބޭނުންވާ އަގު ދޭން ބޭނުން ވިޔަސް ނުދެވުމުގެ ސަބަބު.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރިދާއިރާގެ މެންބަރު ހަސަން ޒަރީރު

މީގެ އިތުރުން މެންބަރު ވަނީ ނިމިދަޔަ ސަރުކާރުތަކުން މަސް ޓަން ބަންދުކޮށްގެން ބޭންކޮކަށް ދިޔުމުން އޭގެ ތެރެއިން ތިން ބައިކުޅަ އެއްބައި ރިޖެކްޓްވާ ކަމަށެވެ. އަދި މިއީ އެބޭފުޅުންގެ ސްޓޭންޑާޑަށް ޕޭކޮށް ހުރިހާ ކަމެއް ކޮށްގެން ބޭންކޮކަށް ދިޔާމައި އޭގެން 33 އިންސައްތަ ރިޖެކްޓްވާ ކަމަށާއި އެ ރިޖެކްޓްވާ މަސް އަބުރާ ގެންނަން ނުލިބޭ ކަން ފާހަގަކުރައްވާފައެވެ.

މިކަހަލަ ކަންކަމަކީ ނިމިދިޔަ ސަރުކާރުން ރަނގަޅަށް މޮނީޓާރ ނުކުރެވި ރަނގަޅުކޮށްފަ ނެތުމުން ކަމަށާއި މި ރިޖެކްޓްވާ ބައިން ވެސް އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ބިލިޔަން ރިފިޔާގެ ގެއްލުން ލިބޭ ކަން މެންބަރު ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން ޔޫރަޕްގެ މާކެޓަށް މަސް ކިރުމަށްޓަކައި ގެންގުޅޭ ގާނޫނުތަކަށް ވެސް އިސްލާހުތައް ގެންނަންޖެހޭ ކަމަށާއި މިކަން ކުރެވޭނީ ކޮންކަހަލަ މެކޭނިޒަމް އެއް ބޭނުން ކޮށްގެންތޯ ބަލާ ވިސްނާގެން އެކަން ކުރަން ޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.