ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލުތައް އިއުލާނުކޮށްފިއެވެ.
އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރެއްވި ގޮތުގައި، އިޖުތިމާއީ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީގެ ބަދަލުގައި މިހާރު އެ ކޮމިޓީއަށް ހަމަޖައްސާފައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.
އެހެންކަމުން މެންބަރު އަސްމާ ރަޝީދު މިހާރު ހިމެނިވަޑައިގަންނަވާ ކޮމިޓީތަކުގެ ތެރޭގައި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ، ގެދޮރުވެރިކަމުގެ ކޮމިޓީ، އަދި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީ ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ދާދި ފަހުންވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.
މިގޮތުން މަޖިލީހުގެ 241 ކޮމިޓީގައި ހިމެނިވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމްގެ ބަދަލުގައި ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ހަމަދު އަބްދުﷲ ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން މާލިއްޔަތު ކޮމިޓީގައި ނާޒިމްގެ ބަދަލުގައި މިހާރު ހިމެނިވަޑައިގަންނަވަނީ މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ޒަމީރެވެ.
އަދި މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު މަމްދޫހްގެ ބަދަލުގައި އެ ކޮމިޓީއަށް މިހާރު ވަނީ ނާޒިމް ހަމަޖައްސަވާފައެވެ.