މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ސޮނެވާ ނަމޫނާއާއި، ރ. ފައިނު ކައުންސިލާ ގުޅިގެން އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ހިންގުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްއައިބީންބުނީ، މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރ. ފައިނުގައި، ކުނި މެނޭޖްކުރާ ގޮތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން 7 ދުވަހުގެ ވޭސްޓް އޮޑިޓެއް ހިންގައި، ސިސްޓަމެއް ފަރުމާ ކުރުމަށް ބޭނުންވާ ބޭސްލައިނެއް ކަނޑައެޅިގެންދާނެ ކަމަށާއި، ކުނި މެނޭޖް ކުރުމަށް ކޮންމެހެން ބޭނުން ކުރަންޖެހޭ މެޝިނަރީތައް އިންސްޓޯލް ކުރުމުގެ އިތުރުން އެތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެބޭންކުން ބުނެއެވެ.
މީގެއިތުރުން ވެސް ކުނިން ގަސްކާނާ އުފައްދާނެ ގޮތުގެ މައްޗަށް ބިނާކޮށް ކުރިޔަށް ގެންދާ ޒީރޯ ވޭސްޓް ވޯކްޝޮޕްތައް ފައިނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށްވެސް އެމްއައިބީން ވަނީ ނިންމާފައެވެ.
ހަމަ މިގޮތަށް އެންމެނަށް އެނގޭ ބޮޑު ސިއްރުގެ ނަމުގައި މައްސަރު ކަންތައްތަކާއި، ދަރިމައިވުމުގެ ސިއްހަތާ ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް ބާއްވާ ސެޝަންތައް ވެސް މީގެ ތެރޭގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
މިއީ، އެމްއައިބީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން މުޖުތަމައުތައް ބާރުވެރިކޮށް، ދެމެހެއްޓެނިވި ތިމާވެށީގެ ތަރައްގީއަށް އެހީތެރިވެދިނުމަށް އެމްއައިބީން ކުރަމުންދާ މަސައްކަތެއް ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.