އަޑޫ ސިޓީ ހުޅުދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ، އައްޑޫ ސިޓީ ހުޅުމީދޫ ހެލްތު ސެންޓަރަށް ގެނައި މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 13:50 އެހައިކަންހާއިރު ހެލްތު ސެންޓަރުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެމީހާ އަށް އަނިޔާ ވެފައި ވަނީ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި މާރާމާރީގައި އަނިޔާވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށެވެ.
މި ހާދިސާ ގައިއަނިޔާ ވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި މައްސަލައާ ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.