އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާ ޖެހޭ މިންވަރު ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ، އިންފްލުއެންޒާ ޖެހިގެން ރިޕޯރޓްކުރެވޭ އަދަދު ވަނީ ފާއިތުވެ ދިޔަ ހަފްތާގައި އިތުރުވެފައި ކަމަށެވެ.

އެގޮތުން ޖަނަވަރީ މަހު 791 މީހުން ޓެސްޓުހަދާފައިވާ އިރު 99 މީހުން ވަނީ ފައްސިވެފައެވެ. ފެބްރުވަރީ މަހު 124 މީހުން ޓެސްޓު ކޮށްފައިވާ އިރު 8 މީހަކު ވަނީ ފައްސި ވެފައެވެ. މާރިޗް މަހު 105 ޓެސްޓު ކޮށްފައިވާ އިރު 5 މީހަކު ވަނީ ފައްސި ވެފައެވެ. އަދި އެޕްރީލް މަހު 89 މީހުން ޓެސްޓު ކޮށްފައިވާ އިރު 18 މީހަކު ވަނީ ފައްސި ވެފައެވެ. އެގޮތުން މުޅި ޖުމްލަ 1119 މީހަކު ޓެސްޓު ކޮށްފައިވާ އިރު 130 މީހަކު ފައްސި ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، މާރިޗު މަހުން ފެށިގެން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ އަތޮޅު ތެރެއިން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން 22 މާރިޗް އިން އެޕްރީލް 12 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅުތެރޭ 1،1192 އަދި މާލޭގައި 9894 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށްޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން އަތް ދޮންނަން ޖެހޭ ހާލަތްތަކުގައި، ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން، އަރިދަފުސް ރޯގާ ހުރި ނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު، ނޭފަތާއި އަނގަ ރަގަޅަށް ނިވާކުރުން، އަދި ހުންއައިސް ރޯގާޖެހި 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަކީ މުހިއްމުކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.