ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދާއި ހެލްތު މިނިސްޓަރު ގީލާ އަލީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ފުލުހުން ބުނެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އެ ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
މީގެ އިތުރުން، މި ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ކޮމިޝަނަރ ވަޒީރާ ހިއްސާކުރެއްވިއެވެ.
ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާކުރަން ޕޮލިހާއި ހެލްތު މިނިސްޓްރީން މަޝްވަރާކުރިއިރު، އަމިއްލައަށް މަރުވުމުގެ ގިނަ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން ނަފްސާނީ އެހީ ދިނުމުގެ ދާއިރާ ހަރުދަނާކުރަން މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.