ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ އައު ގަވާއިދު އެކުލަވައިލައި، ސަރުކާރުގެ ގެޒެޓްގައި މިއަދު މޯލްޑޮވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ޝާއިޢުކޮށްފިއެވެ.
މި ގަވާއިދަށް މިއަދުންފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަންއިން ވަނީ ބުނެފައެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންއިން ބުނީ މި ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށްވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައްވެސް ބަލާނެ ކަމަށެވެ.
މި ގަވާއިދުގައިވާ ގޮތުން ކޮންޓެންޓަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅާނަމަ، އެ ކޮންޓެންޓެއް ޝާއިޢުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށެވެ. މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ޤާނޫނީ ވަކީލަކު އައްޔަންކުރުމުގެ ހައްޤު ލިބިގެންވެއެވެ.
ޤާނޫނާއި ގަވާއިދާ ނުވަތަ ބޮރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި ހިލާފުވަ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅު އެޅުމުގައި، ކަންކަން އިސްލާހުކުރުން އެންގުމާއި އާންމުކޮށް މާފަށް އެދެން އެންގުމުގެ އިތުރުން އެހެނިހެން ފިޔަވަޅުތައް ހިމެނޭ ކަމަށް އެ ކޮމިޝަން އިން ވަނީ ބުނެފައެވެ.
އަދި ކޮމިޝަންގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމި ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި ކޮމިޝަން ނިންމުމަކުން އެއްވެސް ފަރާތެއްގެ ހައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ދެކޭނަމަ، 6 މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓަށް ހުށަހެޅިދާނެއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި، ފިޔަވަޅުއެޅުމުގެ ގަވާއިދު" ގެ މައިގަނޑު މަޤްސަދަކީ މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލައި، ގާނޫނާއި ގަވާއިދާއި ޚިލާފުވާ ހާލާތްތަކުގައި އެކަށީގެންވާ ފިޔަވަޅުއެޅުމެވެ.