ދުލާއި ގަލަމުގެ މިނިވަން ކަމަކީވެސް ވަކި ހުދޫދެއް އޮތް ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މިގޮތަށް އެދިވަޑައިގެންފައި މިވަނީ، "އަދަދު" ނޫހުން މިދިޔަ މަހު ގެނައި ޑޮކިއުމެންޓްރީއަކާއި ގުޅިގެން އެ ނޫހުގެ އިދާރާއަށް ކޯޓު އަމުރަކާއެކު ފުލުހުން ވަދެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެކަމަށް އިޝާރަތްކުރައްވާ ހީނާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ އޮންނަންޖެހޭ އެއްޗެއް ކަމަށެވެ.

އަދި ހަމައެއާއެކު ދުލާއި ގަލަމުގެ މިނިވަން ކަމަކީވެސް ވަކި ހުދޫދެއް އޮތް ކަމެއް ކަމަށާއި ނޫސްވެރިކަމަކީ މުގައްދަސް މަސައްކަތެއް ކަމަށް ހީނާ ވިދާޅުވިއެވެ.

ހަމައެއާއެކު އެއަށްވުރެ މަތީ އަމުރުފުޅަކުން އިންސާނާގެ އަބުރާ ކަރާމާތަކީވެސް މާތް ކުރައްވާފައިވާ އެއްޗެއް ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއަށް ނުވަތަ އެހެންވެސް ފަރާތަކަށް އަމާޒުކޮށް ތާއަބަދު ފުރައްސާރަކޮށް ސާބިތުނުހިފޭ ދޮގު ވާހަކަ ފެތުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސާބިތުނުހިފޭ ގަޛްފުގެ ތުހުމަތު ޤައުމުގެ ވަލިއްޔުލްއަމްރުގެ މައްޗަށް ނުވަތަ އެހެން އެއްވެސް މީހެއްގެ މައްޗަށް ކުރުމުން އެކަމަކީ ތަހުގީގުކޮށް ފިޔަވަޅު އަޅާ އިންސާފު ގާއިމުކުރަންޖެހޭ ކަމެއް ކަމަށް ހީނާ ވިދާޅުވިއެވެ.