ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ އެކަމާގުޅޭ ގޮތުން ހުރިހާ ފަންތިއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވަޒީރު މުޙައްމަދު ސަޢީދު ވަނީ ދަތުރުފަތުރުގެ ދައިރާގެ މެންޑޭޓާއި ހަވާލުވުމަށް ފަހު މިމައްސަލައިގައި ޑްރައިވަރުންގެ ފަރާތުން ސިޓީތައް ލިބިފައިވާކަމަށެވެ.

ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުން އެދޭ ކަމަށް، ސިޓީ އައިސްފައި ހުރި އަޅުގަނޑު ހަވާލުވިއިރުވެސް. އަޅުގަނޑު ވިދާޅުވެފައި އޮތީ ސިޓީތައް ބަލާފައި ކެބިނެޓް ލެވެލްގައި އެވާހަކަ ދައްކައި އިތުރަށް ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާއި އެކު އެވާހަކަ ދައްކާނަން. އޭގެ ތެރޭގައި ޑްރަވަރުންނާއި ސެންޓަރުތައްވެސް ހިމެނޭ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

މިމައްސަލަގައި ގޮތެއް ނިންމެވުމުގެ ކުރިން މިކަމާގުޅޭގޮތުން ފުރިހަމައަށް މަޝްވަރާ ކުރެވެންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކެބިނެޓުގައި މިކަމާގުޅޭ މަޝްވަރާތައް ކުރައްވަންޖެހޭ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު އުފުލި، ރާއްޖޭގައި ތެލުގެ އަގަށްވަނީ ބަދަލު އައިސްފައި ވުމާއި ގުޅިގެން ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވަނީ އެދިފައެވެ.