މިނިވަން ނޫސްވެރިކަމުގެ ނަމުގައި ފަސާދަ އުފައްދާއިރު އެކަންކަން ބެލެން ވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލް ވިދާޅުވީ މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ ކަމަށެވެ.
އަދި ޚަލީލް ވިދާޅުވީ އެފަދަ މަދު "ނޫސްވެރިން"ގެ ސަބަބުން މުޖްތަމަޢުގައި އޮންނަންޖެހޭ އަދަބު އަޚްލާގު ގެއްލި، އެކަކު އަނެކަކާ މެދު އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ކަމަށެވެ.
ހަމައެހެންމެ މިފަދަ މަދު ނޫސްވެރިން ގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ޕްރޮފެޝަންއަށް ހުތުރު ނަމާއި ބަސްތައް އަމާޒުވާ ކަމަށާއި އެފަދަ ވިޔާނުދާ ކަންކަން ނޫސްވެރިކަމުގައި ދިމާވަނީ، ރާއްޖޭގައި ނޫސްވެރިއަކަށް ވުމަށް އެއްވެސް މިންގަނޑެއް، ޝަރުތެއް އަދި ފުރިހަމަ ކުރަންޖެހޭ ތަމްރީނެއް ވެސް ނެތުމުން ކަމަށް ޚަލީލް ވިދާޅުވިއެވެ.
ގައުމެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ބުނެއުޅޭއިރު، އެ ބާރުގެ "ވަޒީފާ"ގައި ތިބެންވާނީ ވެސް އެކަށީގެންވާ ތަމްރީނު ލިބިފައިވާ، ކަނޑައެޅޭ ޝަރުތުތަކެއް ފުރިހަމަވާ ހުނަރުވެރިން ކަމަށް ޚަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމަކީ ގައުމުގެ އިޖްތިމާއީ ފޭރާމުގެ މުހިންމު ގުނަވަނެއް ކަމުގައި ފާހަގަކުރައްވަމުން، ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމުގެ މުހިންމުކަން ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.