ފުލުހުންގެ ކޮންމެ ދާއިރާއަކަށްބެލިކަމުގައިވިޔަސް، އަންހެން އޮފިސަރުންގެ ޤާބިލުކަމާއި، ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ތިންވަނަ ދައުރު އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ މުޅި މުޖުތަމަޢު ރައްކާތެރިކޮށް އަމާންކަން ދެމެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަރަށް ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ.
އެގޮތުން ފުލުހުންގެ އިސް ސަފުގައްޔާއި، ނިންމުންތައް ނިންމާ މަރުޙަލާތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް ފުރުސަތުތަކެއް ހޯދައިދިނުމަށް އިސްކަން ދެއްވާނެކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ކޮންމެ ދާއިރާއަކަށްބެލިކަމުގައިވިޔަސް، އަންހެން އޮފިސަރުންގެ ޤާބިލުކަމާއި، ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާކަން ފާހަގަކުރައްވާ ސީޕި ވިދާޅުވީ، މުޖުތަމަޢާއި ގުޅިގެން މަސައްކަތްކުރުމުގައްޔާއި، ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާގުޅޭ ނާޒުކު މައްސަލަތަކުގައި އަންހެން އޮފިސަރުންނަކީ، އިތުބާރާއި ޔަޤީންކަން އާލާކޮށްދޭ މުހިންމު ހިއްސާދާރެއް ކަމަށެވެ.
މިގޮތުން ކުރިއަށްއޮތްތަނުގައި އަންހެން އޮފިސަރުންނަށް އައު މަގުތަކެއް ކޮށައިދީ، ފުލުހުންގެ މުއައްސަސާއަކީ އެންމެނަށްވެސް އެއްވަރަށް ފުރުސަތުއޮތް މާޙައުލަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން އަންހެން އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި، ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށް ސީޕީ ވިދާޅުވިއެވެ.
ހަމައެހެންމެ އެ މުއައްސަސާގެ އަމާޒަކީ، އެންމެން ޝާމިލްވާގޮތަށް ފަރަޤުކުރުމެއްނެތް ހަމަހަމަ މާހައުލެއް ޤާއިމްކުރުން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.