ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، 2026 އިން 2028 އަށް ޢައްޔަންކުރެއްވި "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީ އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަ ދައްކަވަމުންނެވެ.

އިސްކަންދަރު ކޮށީގައި ރޭ އޮތް ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމާއެކު، އެކަމަނާގެ ޝަރަފުގައި އޮނަރ ގާޑެއް ވަނީ އަރުވާފައެވެ.

އެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ.

ހަމަމިއާއެކު، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ލޯގޯގެ ރަމްޒީ ހަނދާނީ ޓޯކަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވެދުމަށް އެރުވުންވެސް ރޭގެ ރަސްމިއްޔާތުގައި އޮތެވެ.

މި ނަންބަރު ފުރިހަމަކޮށްދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ، 3 ވަނަ ދައުރުގެ ކޮމިޓީ މެންބަރުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.

އެއަށްފަހު ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ،ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ނޫންކަމަށާއި، މިއީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް، ވިދާޅުވެފައެވެ.

އަދި މިއަދަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި އަންހެނުންގެ ދައުރު އިތުރަށް ހަރުދަނާކޮށް، ކުރިމަގުގެ ތަޞައްވުރު ވަރުގަދަ ކުރުމަށް މުހިންމު ފިޔަވަޅެއް އަޅާ ދުވަހެއްކަމުގައި ވިދާޅުވެފައެވެ.

އަދި ހަނދާންކުރަންޖެހޭ ޙަޤީޤަތަކީ، މި މަންޒިލަށް އާދެވުނީ، ގިނަ ގޮންޖެހުންތަކެއް ކަޑައްތު ކޮށްފައިކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވެ، އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ، މުޖުތަމަޢުގައި އާންމު އިތުބާރާއި އެއްބާރުލުން އިތުރުވެ، ޚާއްޞަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ފަދަ ނާޒުކު އަދި ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާވެގެންދާ ކަމެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، އިތުރު އަންހެނުން މި ދާއިރާއަށް ޝައުގުވެރިކުރުވައި، އެކަނބަލުންނަށް ވަޒީފާގައި ދެމިތިއްބެވޭނެ ފަދަ ޢާއިލީ ޒިންމާތަކާ އެކަށޭނަ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒު ކުރެއްވުމާއި، ހަމައެކަނި އިދާރީ މަސައްކަތްތަކުގައި އަންހެނުން ދެމިތިބުމުގެ ބަދަލުގައި، ފްރަންޓްލައިން އޮޕަރޭޝަންތަކުގައްޔާއި މައްސަލަތައް ތަޙުޤީޤު ކުރުމުގައްޔާއި، ޓެކްނިކަލް ދާއިރާތަކުން އަންހެން އޮފިސަރުންގެ ގާބިލުކަން އިތުރުކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތަކީ ދިވެހިރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމުގެ މައިބަދަ..ގައުމެއް ކުރިއަރައި ދިއުމުގައި އެންމެ ފުރަތަމަ ބޭނުންވަނީ ހަމަޖެހުމާއި ގާނޫނު ނެގެހެއްޓުން ކަމުގައި ވާއިރު ފުލުހުންގެ މިޝަނަކީ ކުށްކުރުން މަދުކޮށް ރައްޔިތުންނަށް އަމާންކަމާއެކު އުޅެވޭނެ މާހައުލެއް ޤާއިމުކޮށްދީ ކޮންމެ މީހަކީވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ މީހެއްކަން ކަށަވަރުކުރުން. އަޅުގަނޑު ގަބޫލުކުޔާގޮތުގައި އިގްތިޞާދީ އަދި އިޖުތިމާއީ ކުރިއެރުން ބިނާވެގެން ދަނީ ތަނެއްގައި އޮންނަ އަމަންއަމާންކަމާއި ހަމަޖެހުމުގެ މައްޗަށް.ކަމަށްވާތީ..ގައުމީ ތަރައްގީއަށް ބޭނުންވާ އަސާސީ ބިންގާ ފުލުހުންގެ ކިދުމަތުން ކަށަވަރުކޮށްދެއްވަންޖެހޭ.ރައްޔިތުންނާއި ގާތުން ޚިދުމަތްދެއްވާ އިހްލާސްތެރިކަމާއެކު ގާނޫނާއި ސިޔާދަތު ދެމެހެއްޓުމުގައި ފުލުހުން އަދާކުރާ ދައުރަކީ އަންނަން އޮތް ޖީލުތަކަށް އަމާން އަދި ފާގަތި މުސްތަގުބަލެއް ފޯރުކޮށްދިނުމަށްޓަކައި ކުރާ މަތިވެރި ގައުމީ ޚިދުމަތެއް."

މެޑަމް ސާޖިދާ މުހައްމަދު

މީގެ އިތުރުން ރާއްޖޭގެ އެކި ދާއިރާތަކުގައި ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގައްޔާއި، ޞިއްޙީ ދާއިރާގައި ވަޒީފާއަދާކުރަމުން ގެންދާ ނުވަތަ މަސައްކަތް ކުރަމުން ގެންދަވާ އަންހެނުންގެ އަދަދު ނިސްބަތުން މަތި ނަމަވެސް، ދިވެހި ފުލުހުންގެ ތެރޭގައި ޚިދުމަތް ކުރަމުންގެންދާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން އެކަމާދޭތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނާވަޑައިގެން، ދިވެހި އަންހެން ފުލުހުން އިތުރު ކުރެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އިންވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.