ފުލުހުންގެ ޚިދުމަތުގައި އަންހެން މުވައްޒަފުންގެ ދައުރު ފުޅާ ކުރަންޖެހޭ ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ހަސަން ވިދާޅުވެއްޖެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ މިހެން ވިދާޅުވީ މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ (2026-2028) އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަސީމާ ވިދާޅުވީ ފުލުހުންގެ ޙިދުމަތުގައި އަންހެނުންނަކީ އެކަކު އަނެކަކު ބިނާކޮށް ކުރިއަރުވަން ހިތްވަރުދޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

އަދި މި ޙިދުމަތުގެ ކަނބަލުންނަށް ޙާއްސަ ކޮމެޓީއެއް އޮތުމަކީ އަންހެނުންގެ ކުރިއެރުވުމަށް އޮތް ރަނުގެ ފުރުސަތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކުށުގެ މާހައުލުގައި ކުށުގެ ވެށީގެ އަނިޔާ ލިބޭ އަދި ކުއްކުރުމުގައި ބައިވެރިވާ އަންހެނުންގެ މިންވަރު އަންނަނީ އިތުރުވަމުން ކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ ދިވެހި ފުލުހުންގެ ޙިދުމަތުގައި އަންހެން މުވައްޒަފުންނަށް އޮތް ދައުރު ފުޅާކުރުމަކީ ކުރަން ޖެހިފައިވާ މުހިންމު ޤައުމީ މަސައްކަތެއް ކަމަށެވެ.

"ރާއްޖޭގެ ކުށުގެ މާހައުލުގައި ކުށުގެ ވެށީގެ އަނިޔާ ލިބޭ އަދި ކުއްކުރުމުގައި ބައިވެރިވާ އަންހެނުންގެ މިންވަރު އަންނަނީ އިތުރުވަމުން، އެހެންކަމުން ދިވެހި ފުލުހުންގެ ޙިދުމަތުގައި އަންހެން މުވައްޒަފުންނަށް އޮތް ދައުރު ފުޅާކުރުމަކީ ކުރަން ޖެހިފައިވާ މުހިންމު ޤައުމީ މަސައްކަތެއް ކަން ކަށަވަރު. ދިވެހި ފުލުހުންގެ ޚިދުމަތަކީ އަންހެން މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ގައުމީ ފެންވަރެއްގައި އެންމެ މަތީ ދަރަޖައެއްގައި ފާހަގަކޮށްލެވޭ މުއައްސަސާއަކަށް ހެދުމަށް މަސައްކަތުގެ މާހައުލުގައި ތަފާތު ނުކުރުމުގެ ރީތި އާދަ އަމަލީ މައިދާނުގައި ހާސިލުކޮށް މުވައްޒަފުންގެ ބޭނުންތައް ހާސިލުކުރުމުގެ ވަރުގަދަ އަޒުމާއެކު 2021 ވަނަ އަހަރު މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ ވުޖޫދު ކުރެވިފައި ވަނީ ބަވަނަ ވަމުން އަންނަ ދުނިޔޭގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާ ބޭނުންވާ އެއްބާރުލުމާ އެންމެހާ އެހީތެރިކަން މި މުއައްސަސާގެ ތެރެއިން ކަށަވަރުކޮށްދިނުމުގެ މާތް މަގުސަދުގައި." ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކޮމިޓީ ވުޖޫދު ވީއްސުރެ މިއަދާ ހަމައަށް އެހީތެރިވެދެއްވި ފަރާތްތަކަށް ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް ވަސީމާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.