އެމްޑީޕީން މާލޭގައި ބޭއްވަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން މި މަހުގެ 25 ވަނަ ދުވަހުގެ ރޭގެ އެއްވުމުގެ ތެރެއިން
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް، ހަމަލާދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ވަގުތުން ދުރަށް ދައްކަމުން ދިޔަ އެ އިވެންޓުގެ ތެރެއިން މުޒާހަރާގެ ކުރިމައްޗަށް ކުއްލިއަކަށް ނުކުތް ޒުވާނަކު ވަނީ ކުއްލި ގޮތަކަށް އާޒިމްގެ މޭގައި ޖަހައި ކޮއްޕާލާފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ގ. އީރީ، އަބްދުﷲ މުއާޒް 35އ އެވެ. ފުލުހުން އޭނާއަށް ކުރަނީ ޖެހުމުގެ ކުށުގެ ތުހުމަތެވެ.
ކޯޓުގައި މުއާޒް ބުނީ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދައްކަން ކަމަށާއި މުޒާހަރާގެ ބައިވެރިންވަނީ އޭނާއާމެދު މާރާމާރީ ހިންގާފައި ކަމަށެވެ.
އެ ހާދިސާ ހިނގީ މުޒާހަރާގެ ބައިވެރިން ހެންވޭރު ސަހަރާ ކައިރިން ހިނގާފައި ދަނިކޮށެވެ.
ފުލުހުން ވަނީ މުއާޒް ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
އޭނާ މިއަދު ކޯޓަށް ހާޒިރުކޮށް ފުލުހުންވަނީ އޭނާއަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުވާ މިންވަރަށް ހެކި ހުށަހަޅައިފައެވެ.
އެގޮތުން އެ ހެކިތަކުގެ ތެރޭގައި ސީސީޓީވީ ސްނެޕް ޝޮޓްތަކާއި، އިންޓެލިޖެންސް ރިޕޯޓެއްގެ އިތުރުން މުއާޒުް ހައްޔަރުކުރި ފުލުހުންގެ ބަޔާން ހިމެނެއެވެ.
އެހެންކަމުން ކޯޓުންވަނީ މުއާޒް 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.