އިންޑިޔާއާއި ސްރީލަންކާއާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

އެ މަޝްވަރާތައް ކުރައްވާފައި ވަނީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާއާއި ސްރީލަންކާގެ ޚާރިޖީ ވަޒީރުންނާއެކު ވަކިވަކިން ފޯނުން ގުޅުއްވާ ބޭއްވި ބައްދަލުކުރެއްވުންތަކުގައެވެ. ެއެގޮތުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.އެސް.ޖައިޝަންކަރުއާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރެތްއަށް ވަކިވަކިން ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު އިރުތިޝާމް ވަނީ ޤައުމުތަކުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވާފައެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އަދި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ތައްޔާރަށް އޮންނަކަން ވަޒީރު އިރުތިޝާމް ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން އިންޑިއާއިން ރާއްޖެއަށް ދާދިފަހުން ހަމަޖައްސައިދެއްވި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީއަކީ އެ ގުޅުން ހާމަކޮށްދޭ ކަމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރެތްއާއެކު ކުރެއްވި މަޝްވަރާގައިވެސް ރާއްޖެއާ ލަންކާއާ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ވަޒީރު އިރުތިޝާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖެއާ ލަންކާއާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހި ކުރުމުގެ މުހިއްމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.