ސުޕްރީމް ކޯޓުގެ ހުކުމާއެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންސް ބޭއްވުމަށް ނިންމަވާފައި ވަނީ އަންނަ ޖޫން މަހު އެވެ.

އީސީން ކުރިން ނިންމާފައިވާ ގޮތުން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެއެވެ.

ނަމަވެސް އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މުއްދަތު އިތުރުކޮށް އަންނަ މެއި މަހުގެ 2ވާ ހޮނިހިރު ދުވަހުގެ މެންދުރު 3:00 އާ ހަމައަށް އެ ފުރުޞަތު ހުޅުވާލާފައެވެ.

މި ބައި-އިލެކްޝަންސް ބާއްވަން އީސީން ނިންމާފައިވަނީ، އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00އަށެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.