މާރިޗު 18 ވަނަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާއަާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގު ނިންމައި، އެ މައްސަލައިގައި ދައުވާ އުފުލުމަށްޓަކައި އޭޕްރީލް 21 ވަނަ ދުވަހު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ ލ. މާބައިދޫ / ސަބުނަމްހައުސް، ހުސައިން ޝަހްބާން (29އ) އަށެވެ.
އޭނާ މީގެ ކުރިން މާރިޗު 22 ވަނަ ދުވަހުގެ ރޭ ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކޮށްފައެވެ. އޭރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައި ވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައި ރޯވެގެން ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވަނީ މާރިޗު 18 ވަނަ ދުވަހު، ގާތްގަނޑަކަށް 11:00 ޖަހާކަށްހާއިރުއެވެ. އަދި އަލިފާން އެންމެ ބޮޑަށް ރޯވެފައި ހުރި ވަގުތު ބޭރަށް ވަނީ ހުޅު ފަޅައިން ގޮސްފައެވެ. އަދި ކަޅު އޮލަ ދުންތައް އެވަގުތު ބޭރުވާ މަންޒަރު ފެނެއެވެ.
ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.