ކުދި ގައުމުތަކާއި ސަރަހައްދުތަކުގައި ހަރުދަނާ މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ފާހަގަކުރައްވައިފި އެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ހޮޓެލް ޖެންގައި މިއަދު ފެށި "ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ސްމޯލް ބްރާންޗަސް ވާރކްޝޮޕް 2026 – ކެޕޭސިޓީ ބިލްޑިންގ ވާރކްޝޮޕް: ސްޓްރޯންގ އެންޑް ޖުރިސްޑިކްޝަންސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި އެމުއައްސަސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި، ސާފު މަގްސަދަކާއެކު މަސައްކަތްކުރުމާއި، މުއައްސަސާގެ މިނިވަންކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވިދާޅުވިއެވެ.
މި ވާރކްޝޮޕަކީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސްމޯލް ބްރާންޗަސްގެ ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ ސީ.ޕީ.އޭ އާއެކު ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް، އަދި ގާނޫނުހަދާ މަޖިލިސްތަކުގެ ނިޒާމާއި މުއައްސަސާތައް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށް އަމަލީ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ސީ.ޕީ.އޭ ސްމޯލް ބްރާންޗަސް ނެޓްވޯކް ފަދަ މަންސަތަކުން އަދާކުރާ މުހިންމު ދައުރު ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކޮމަންވެލްތާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާ ޖަވާބުދާރީވުން ހަރުދަނާކުރުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، ރާއްޖޭގެ ޕާލަމެންޓްރީ ނިޒާމު އިތުރަށް ތަރައްގީކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވިއެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޡިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި އެޕްރީލް މަހުގެ 27 އިން 29 އަށް ކުރިއަށްދާ މި ވަރކްޝޮޕަކީ ކޮމަންވެލްތު ޕާލަމަންޓަރީ އެސޯސިއޭޝަނާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރިއަށްގެންދާ ވަރކްޝޮޕެކެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވާރކްޝޮޕްގައި ކޮމަންވެލްތުގެ އެކި ގައުމުތަކުގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގެ ތެރެއިން، ދާއިރާގެ ފަންނީ މާހިރުންގެ ހުށަހެޅުންތަކާއި، ބައިވެރިންގެ މެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ސެޝަންތަކުގެ އިތުރުން، އަމަލީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.