ރާއްޖެއަކީ ޖަޒީރާ ރައްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށްވާއިރު ޑިޖިޓަލް ޓްރާންސްފޮމޭޝަން ހާސިލްކުރުމަކީ ދިވެހިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މޯލްޑިވްސް ޑިޖިޓަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ތަންފީޒުވާން ޖެހެނީ ދިވެހިންގެ އިސްނެގުމާއެކު ދިވެހިންނަށް ބޭނުންވާނެ ހައްލުތައް ގެނެސްދިނުމަށް ކަމަށެވެ.
ވަޒިރު ވިދާޅުވީ ފަންނިއްޔާތުގެ ދައިރާއިން އަންނަ ކުރިއެރުންތަކާއެކު ރާއްޖޭގެ ރަށްތަކުގެ ދުރުމިން ކުޑަވެގެންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރުގެ ހިދުމަތްތައް ކޮންމެ ރަށަކަށްވެސް ފަސޭހަކަމާއެކު ފޯރުކޮށްދީ، ހިދުމަތްތައް އަވަސްކުރުމަށް މަގުފަހިވެ ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރެވިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރަށް ވަޒިރު ވިދާޅުވީ ދައުލަތުގެ ހިދުމަތްތަކާއި މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތު ތެރެއިން ޒަމާނީ ބިންގާއެއް އެޅިގެންދާއިރު، މިކަމުގެ ތެރެއިން ރައްކާތެރި ޑިޖިޓަލް އައިޑެންޓިޓީއަކާއި، ގައުމީ މައޫލޫމާތު ބަދަލުކުރުމުގެ ސިސްޓަމްތައް އަދި ދޭދޭ ނިޒާމު ގުޅުވައިދޭ ހިދުމަތްތައް ގާއިމްކުރުން ހިމެނޭ ކަމަށެވެ.
ހަމަމިއާއެކު މިމަސައްކަތަކީ ހަމައެކަނި ޓެކްނިކަލް މަސައްކަތެއް ނޫން ކަމަށާއި، މި ނިޒާމުތަކަކީ ދިވެހި އާއިލާތަކަށާއި، މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް އަވަސް ހިދުމަތް ހޯދުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.
މޯލްޑިވްސް ޑިޖިޓަލް ސަމިޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޯލްޑިވްސް 2.0 ތަސައްވުރު ހާސިލް ކުރުމަށް، ރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ބާއްވާ ސަމިޓެކެވެ. މީގެ އިތުރުން މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން ހަރުދަނާ ކުރުމާއި، ރައްޔިތުންނަށް ދެވޭ ހިދުމަތް ޒަމާނީ ކުރުމާއި، މައުލޫމާތާއި ހެކިތަކުގެ އަލީގައި ހިންގުމުގެ ނިޒާމު ގާއިމުކުރުމާ ގުޅޭ މަޝްވަރާތަކާއި ގުޅުންތައް ބަދަހިކުރުމަކީވެސް ސަމިޓް ބޭއްވުމެއް މަގްސަދެއް ކަމަށް ދާހިލީ ވުޒާރާއިން ބުނެއެވެ.
މި ސަމިޓުގައި ބައިވެރިވަޑައިގަންނާވާ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީ ނޯޓު ސްޕީކާރސް ތެރެގައި ހިމެނެނީ މޮލްޑޯވާގެ ޑިޖިޓަލައިޒޭޝަންގެ ފޯމާ ޕްރައިމް މިނިސްޓަރު، އިއުރީ ޓުރްކާނޯ،ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެވައިސް ޕްރެޒިޑެންޓް މިސްޓަރު ޔޫން ސިއޮކް ކޯ، ޔޫކޭގެ ގަވަމެންޓް ޑިޖިޓަލް ސާވިސްގެ ފޯމާ ޕްރޮގްރާމް ޑިރެކްޓަރު މިސް ޖެސިކާ މެކްއެވޮއީއެވެ.
މި ސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމު އަސާސްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖައްސާފައިވާއިރު މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން 29އަށެވެ. މި ސަމިޓް ބޭއްވަނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއާއި ވޯލްޑްބޭންކް އެހީތެރިކަމާއެކު ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓާއި ގުޅިގެންނެވެ.